×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 2018 - ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަތަކުގައި ޙާޞިރުވާ ފަރާތްތަކުން ބަދަލު ހަމަޖެއްސުމާއި ޤާނޫނީ ވަކީލުން ޢައްޔަންކުރުމާއި ގުޅޭ (ލިންކް)

ޙައްޖު ކޯޕަރޭޝަނުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގެ އެއްބަސްވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސޮއިކުރުން

2016-05-10

މުވައްޒަފުންނަށް ވީހާވެސް ލުއި ފަސޭހަގޮތަކަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއިން ތަޢާރަފުކޮށްފައިވާ މުވައްޒަފުންގެ ޙައްޖު ސްކީމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މުވައްޒަފުން ބައިވެރި ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްފާޟިލް އިދުރީސް އިސްމާއީލްއެވެ. އަދި މޯލްޑިވްސް ޙަައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޔާމީން އިދްރީސްއެވެ.

އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލްއާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްދަލުކުރުން

2016-01-05

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ރައްދުވާ މައްސަލަތައް އަވަހަށް ނިންމުމަށް ޓްރައިބިއުނަލަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެޓަރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލްއާއެކު 03 ޖެނުއަރީ 2016 ގައި ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ދައުލަތަށް ރައްދުވާ މައްސަލަތަކާ ގުޅިގެން ދައުލަތުން ހުށަހަޅާ ލިޔެކިޔުންތައް އަވަހަށް ހޯދުމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަންފީޒްކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލެއްގެނައުމަށް ކުރެވިދާނެ ކަންތައްތަކާއި އަދި ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައި ކުރިޔަށް ގެންދިއުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ. މިބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

2015 ވަނައަހަރު ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބު

2016-01-03

ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް 2015 ވަނައަހަރު 174 މައްސަލައެއް ހުށަހެޅިފައިވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2015 ވަނައަހަރުގައިވެސް ޓްރައިބިއުނަލަށް ޢާންމުކޮށް ހުށަހެޅިފައިވަނީ ވަޒީފާއިން ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާގުޅިގެން ހުށަހެޅުނު މައްސަލަތަކާއި، އުޖޫރައާގުޅޭ އެކި މައްސަލަތަކާއި، އަދި މީގެއިތުރުންވެސް ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 2015 ވަނައަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 80 މައްސަލައެއް ބަލައިނިމި އަމުރު ނެރެފައިވާއިރު ޓްރައިބިއުނަލުން ބޭރުގައި 15 މައްސަލައެއް ސުލްޙަވެފައިވެއެވެ. ޓްރައިބިއުނަލުން 2015 ވަނަ އަހަރު އަލަށް ފެށި ކޮންސިލިއޭޝަން މަރުހަލާގެ ތެރެއިން 5 މައްސަލައެއް ނިމިފައިވާއިރު 24 މައްސަލައެއް ޓްރައިބިއުނަލުން ނުބެލޭ ކަމަށް ކަނޑައެޅުނެވެ. އަދި 15 މައްސަލައެއް މައްސަލަ ހުށަހެޅިފަރާތްތަކުން އަނބުރާ ގެންދިޔައިރު 6 މައްސަލައެއް ޓްރައިބިއުނަލުން ބާޠިލުކޮށްފައިވެއެވެ. 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލްގައި މިހާރު ހިނގަމުންދަނީ 34 މައްސަލައެކެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ޓްރައިބިއުނަލްއަށް ހުށަހެޅޭ ބައެއް މައްސަލަތައް ޓްރައިބިއުނަލް މެދުވެރިކޮށް ޞުލްޙަވުމުގެ (ކޮންސިލިއޭޝަން މެދުވެރިކޮށް ނިންމުމުގެ) މަސައްކަތްވަނީ ފެށިފައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މަދުކޮށް އަވަހަށް ނިންމުމަށްޓަކައި އަޑުއެހުންތައް ފެށުމުގެ ކުރިން އިބްތިދާއީ ބައްދަލުވުންތައް ދަނީ ބޭއްވެމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2015 ވަނައަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 80 އިންސައްތަ މައްސަލަވަނީ 2015 ވަނަ އަހަރުގެ ނިޔަލަށް ނިމިފައެވެ.

ޓްރައިބިއުނަލްގެ ރައީސް އިދްރީސް އިސްމާޢީލް ޗައިނީސް އެމެސެޑަރ ހިޒް އެކްސެލެންސީ މރ. ވަން ފުކަންއާއި ބައްދަލުކުރައްވައިފި

2015-12-06

ޓްރައިބިއުނަލްގެ މަސައްކަތްތަކާބެހޭގޮތުން މަޢްލޫމާތު ދިނުމަށާއި އަދި ޓްރައިބިއުނަލްެގެ ހިންގުން އިތުރަށް ތަރައްގީކުރުމުގައި ޗައިނާގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެއްވުމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ މރ. ވަންގ ފުކަންގއާއި ޓްރައިބިއުނަލްގެ ރައީސް އާއި ނައިބް ރައީސް އަދި ރަޖިސްޓްރާރ ބައްދަލުކުރެއްވިއެވެ. މިބައްދަލުވުމުގައި ޓްރައިބިއުނަލްއާއި ޗައިނާގެ ލޭބަރ ކަންކަމާބެހޭ އިދާރާތަކާ ގުޅިގެން ރޭވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވި ވާހަކަ ދެކެވުނެވެ. އަދި މިކަންކަމާބެހޭގޮތުން ކުރިއަށް އޮތްތަނުގައި މުޢާމަލާތްކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވެވިފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ދާއިރާގެ ކަންތައްތައް ހަރުދަނާކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން.

2015-11-24

ވަޒީފާއާބެހޭ ޓްރައިބިއުނަލާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ދާއިރާގެ ކަންތައްތައް ހަރުދަނާކުރުމަށާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދެފަރާތުން އެއްބާރުލުން ދިނުމަށް 24 ނޮވެމްބަރ 2015 ވަނަ ދުވަހު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނެވެ. މި އެމް.އޯ.ޔޫ އަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަކީ ވަޒީފާއާބެހޭ ސިޔާސަތު އެކަށައަޅައި، ވަޒީފާއާބެހޭ ކަންކަން ތަންފީޒު ކުރަމުންދާ ސަރުކާރުގެ އިދާރާތަކެއްގެ ބެލެނިވެރި ވުޒާރާގެ ދައުރު އަދާކުރާ މުއައްސަސާ ކަމުގައިވާތީއާއި، ވަޒީފާއާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރެވޭނެ މާހަޢުލާއި، އިންތިޒާމްތައް ހަމަޖެއްސުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސަރުކާރުގެ މުއައްސަސާކަމުގައިވާތީއާއި، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެއް އިދާރާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ކަމުގައިވާތީ، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ހިންގުމަށް ލިބިދޭ ބާރަކަށް ވާނެތީއާއި އަދި ދެ މުއައްސަސާގެ ހިންގުމަށް ކުރިއެރުން ލިބި، ޢާންމުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ވަޒީފާއާބެހޭ ޤާނޫނު ހިންގުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ސަރުކާރުގެ މުއައްސަސާތަކާއި ދެމެދު އޮންނަ އިތުބާރު ހަރުދަނާކުރުމުގެ މަޤުޞަދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ އެކެވެ. އެމް.އޯ.ޔޫ ގެ ދަށުން އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ދެމުއައްސަސާ ގުޅިގެން ހޭލުންތެރިކުރުމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ތަންފީޒީ ކަންކަން ހަރުދަނާކުރުން ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަރާތުން އެމް.އޯ.ޔޫ ގައި ސޮއިކުރެއްވީ ޓްރައިބިއުނަލްގެ ރައީސް އިދްރީސް އިސްމާޢިލް އެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސްއެވެ.އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 | އެންމެ ކުރި