×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

#

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފި

2018-05-15

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށާއި ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. މިގޮތުން ޢައްޔަނުކުރައްވާފައިވަނީ ގދ.ފަރެސްމާތޮޑާ، މާތޮޑާއަވަށް. ރޭއަލިވާގެ، އަލްއުސްތާޛު އަޙްމަދު ޝިފާޢުއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު އަޙްމަދު ޝިފާޢުއާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ 14 މޭ 2018 ވީ ހޯމަ ދުވަހު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ބޭފުޅާވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުޖާޢު އުސްމާންގެ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިނުއަލްގައި 2018 ވަނަ އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

2018-03-08

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފިރިހެން މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ހޫނު މަރުހަބާއެއް ކިޔައި އަންހެން މުވައްޒަފުންނަށް ހާއްސަކޮށް ހެނދުނުގެ ސައެއް އޮފީހުގައި ބާއްވާފައިވެއެވެ. މުވައްޒަފުންގެ އިތުރުން މި އިވެންޓްގައި ޓްރައިބިއުނަލްގެ ރައީސްއާއި ނައިބް ރައީސް ބައިވެރިވެވަޑައިގަންނެވިއެވެ. އަދި މި މުނާސަބަތާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ ފަރާތުން މުވައްޒަފުންނަށް މެންދުރުގެ ފަރިއްކޮޅެއް ދެއްވާފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މަސައްކަތްކުރާ މުވައްޒަފުންގެ %63 އަކީ އަންހެނުންނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 8 ވަނަ އަހަރީ ދުވަހާއި ގުޅިގެން ވެބްސައިޓްގެ އިގިރޭސި ޕޭޖް ލޯންޗްކުރުމާއި އަދި ޓްވިޓަރ އެކައުންޓް ހުޅުވުން.

2016-12-29

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 08 ވަނަ އަހަރީ ދުވަހާގުޅިގެން ޓްރައިބިއުނަލްގެ ވެބްސައިޓްގެ އިގިރޭސި ޕޭޖް އަދި ޓްވިޓާރ އެކައުންޓް މިއަދު ލޯންޗްކޮށްފިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސި ވެބްސައިޓާއި ޓްވިޓާރ އެކައުންޓް ހުޅުއްވައިދެއްވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޒް ހުސައިން ފާއިޒު ރަޝާދެވެ. ވެބްސައިޓާއި ޓްވިޓަރ އެކައުންޓް ލޯންޗްކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓްރައިބިއުނަލްގެ މަސައްކަތާބެހޭ މަޢުލޫމާތު ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި މިއަދު މި ލޯންޗްކުރެވުނު އިނގިރޭސި ވެބްސައިޓާއި ޓްވިޓާރ އެކައުންޓުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރާ ބޭރުގައުމުތަކުގެ މުވައްޒަފުންނަށް ޓްރައިބިއުނަލާގުޅޭ މަޢުލޫމާތު ހޯދުމުގައި ފަސޭހަތަކެއް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް މިއަދުގެ ރަސްމިއްޔާތުގައި ޓްރައިބިއުނަލްގެ މަސައްކަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް މެމްބަރުންނާއި މުވައްޒަފުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. އަކިލެޝް މިޝްރާގެ ދަޢުވަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޒް ޙުސެއިން ފާއިޒް ރަޝާދު 29 ނޮވެމްބަރ 2016 ވަނަ ދުވަހު އަކިލެޝް މިޝްރާއާ ބައްދަލުކުރައްވައިފިއެވެ.

2016-12-05

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. އަކިލެޝް މިޝްރާގެ ދަޢުވަތަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޒް ޙުސެއިން ފާއިޒް ރަޝާދު 29 ނޮވެމްބަރ 2016 ވަނަ ދުވަހު އަކިލެޝް މިޝްރާއާ ބައްދަލުކުރައްވައިފިއެވެ. އިންޑިއަން ހައިކޮމިޝަނަރގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަސައްކަތް ހިނގަމުންދާގޮތާ ބެހޭގޮތުންނާއި ދެގައުމުގެ ވަޒީފާގެ ދާއިރާގެ ޙާލަތު ހުރިގޮތާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި އިންޑިޔާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވި، ކުރިއަށް އޮތްތަނުގައި ދެފަރާތުން މުޢާމަލާތްކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވެވިފައިވެއެވެ. މި ބައްދަލުވުމުގައި ޓްރައިބިއުނަލްގެ ރައީސްގެ އިތުރުން ނައިބް ރައީސް އަދި ރެޖިސްޓްރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްއާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްދަލުކުރައްވައިފި.

2016-08-28

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބައްދަލުކުރައްވައިފިއެވެ. 25 އޮގަސްޓް 2016 ވަނަ ދުވަހު ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހިއުމަން ރައިޓްސް ކޮމިޝަންއާ ގުޅިގެން ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދަވާ ޕްރޮގްރާމްތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބައިވެރިވުން ހިމެނޭގޮތަށް ކުރިއަށް ގެއްދިއުމާބެހޭގޮތުންނާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހިއުމަން ރައިޓްސް ކޮމިޝަން ހިމެނޭގޮތަށް މިދާއިރާގެ ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާއެކު ބައްދަލުކޮށް ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުމާބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާޢީލް އަޙްމަދު، މެންބަރ މަރިޔަމް މުނާ، މެންބަރ މަރިޔަމް ރިޝްފާ އަދި ރެޖިސްޓްރާ އާލިޔާ ޙަނީފް ބައިވެރިވެވަޑައިގެންނެވިއެވެ.



އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 | އެންމެ ކުރި