×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

#

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއެކު ބައްދަލުވުމެއް ބާއްވައިފި.

2016-08-23

ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. 22 އޮގަސްޓް 2016 ވަނަ ދުވަހު އެން.ސީ.އައި.ޓީ ގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިމާވެފައިވާ އައި.ސީ.ޓީއާއި ގުޅުންހުރި ގޮންޖެހުންތައް ޙިއްޞާކޮށް އެން.ސީ.އައި.ޓީ މެދުވެރިކޮށް އެކަންކަމަށް ޙައްލު ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިހާރަށް ކޮންމެހެން ބޭނުންވާ ބައެއް ސޮފްޓްވެއަރތައް އެން.ސީ.އައި.ޓީ މެދުވެރިކޮށް ހޯދުމާގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާޢީލް އަޙުމަދު، މެންބަރ މަރިޔަމް މުނާ، ޑިރެކްޓަރ ޢާޤިޞާ މުސާ އަދި އައި.ޓީ އޮފިސަރ ހިޝާމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

ބަންގްލަދޭޝްގައި ހުންނަ ފިލިޕީންސް އެމްބަސީގެ އިސް ބޭފުޅުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި ބައްދަލުކުރެއްވުން

2016-08-11

ބަންގްލަދޭޝްގައި ހުންނަ ފިލިޕީންސް އެމްބަސީގެ އިސް ބޭފުޅުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފިލިޕީންސް ރައްޔިތުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކަށް އެންމެ އެކަށޭނެ އަވަސް ޙައްލެއް ހޯދައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ބެލުމުގައި ޓްރައިބިއުނަލުން ޢަމަލުކުރާގޮތާއި، ވަޒީފާއާބެހޭ ޤާނޫނުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭ ޙައްޤުތަކާބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވިފައިވެއެވެ. މީގެއިތުރުން ވަޒީފާގެ މާޙައުލުގައި ފިލިޕިންސް ރައްޔިތުންނަށް ދިމާވާ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިތުރުން ރާއްޖޭގައި ޤާއިމުކުރެވިފައިވާ މިދާއިރާއާގުޅޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ދެ ބޭފުޅަކު ޢައްޔަނުކުރައްވައިފި

2016-08-07

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ)ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެ ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. މި ގޮތުން ޢައްޔަނުކުރައްވާފައިވަނީ ހުވަދުއަތޮޅު އުތުރުބުރި ގެމަނަފުށީ އޯކިޑުމާގޭ އާދަމް ޛާލިފާއި، މާޅޮސްމަޑުލު އުތުރުބުރި އަލިފުށީ ނިއޯލައިން މަރްޔަމް ރިޝްފާއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން މި ދެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ 07 އޯގަސްޓް 2016 ވީ އާދީއްތަ ދުވަހު އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ދެބޭފުޅުންވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާ ކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސްކަމަށް އައްޔަންކުރެއްވުން

2016-07-11

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް 05 ޖުލައި 2016 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ ޒެނިތު، އަލްއުސްތާޛް ހުސެން ފާއިޒު ރަޝާދު އަދި ނައިބު ރައީސް ކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރި ނިލަންދޫ ކަރަންކާގޭ އަލްއުސްތާޛް އިސްމާޢީލް އަޙްމަދުއެވެ. މަޤާމަށް ޢައްޔަން ކުރެއްވިއިރު މި ދެބޭފުޅުންވެސް ތިއްބެވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމުގައެވެ.

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ބައްދަލުކުރައްވައިފި

2016-05-23

އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. އަކިލެޝް މިޝްރާއާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އަލްފާޟިލް އިދްރީސް އިސްމާޢީލް 23 މެއި 2016 ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ. އިންޑިއަން ހައިކޮމިޝަނަރގެ އޮފީހުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަސައްކަތް ހިނގަމުންދާގޮތާ ބެހޭގޮތުންނާއި ދެގައުމުގެ ވަޒީފާގެ ދާއިރާގެ ޙާލަތު ހުރިގޮތާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި އިންޑިޔާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވި، ކުރިއަށް އޮތްތަނުގައި މުޢާމަލާތްކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވެވިފައިވެއެވެ. މި ބައްދަލުވުމުގައި ޓްރައިބިއުނަލްގެ ރައީސްގެ އިތުރުން ނައިބް ރައީސް ޢަބްދުﷲ ޢަލީއާއި ރަޖިސްޓްރާ ޢާލިޔާ ޙަނީފް ބައިވެރިވެވަޑައިގެންނެވިއެވެ.



އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 | އެންމެ ކުރި