×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

#

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެފަރާތުން ޓިއުރިންގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 2 މެންބަރުން ބައިވެރިވެވަޑައިގަތުން:

2015-05-17

11 މެއި 2015 އިން 18 މެއި 2015 އަށް އިޓަލީގެ ޓިއުރިންގައި ހުންނަ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރގައި ބޭއްވުނު "އިވޯލްވިންގް ފޯރމްސް އޮފް އެމްޕްލޯއިމެންޓް ރިލޭޝަންސް އެންޑް ޑީސެންޓް ވާރކް" ތަމްރީނު ޕްރޮގްރާމްގައި ޓްރައިބިއުނަލްގެ ރައީސް އިދްރީސް އިސްމާއީލްއާއި މެމްބަރ މަރްޔަމް ޝަމްމާ އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. މިޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތުދެއްވާފައިވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި އަދި ނޮން- ސްޓެންޑަރޑް (ކެޝުއަލް އެމްޕްލޯއިމަންޓް) އެމްޕްލޯއިމަންޓް ދާއިރާތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތައް އިންޓަރނޭޝަނަލް ލޭބަރ ސްޓެންޑަރޑްތަކުން ލިބިދީފައިވާ ގޮތާބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްފާޟިލާ އައިޝަތު ފިޟްލީންއާއި އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު 11 މެއި 2015 ގައި ޢައްޔަނު ކުރުން

2015-05-11

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމަށް ގދ.ތިނަދޫ، ޒެނިތް، އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު އާއި ހ.ވީސަންގެ، މާލެ، އަލްފާޟިލާ އައިޝަތު ފިޟްލީން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުއާއި އަލްފާޟިލާ އައިޝަތު ފިޟްލީންއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، އެކަމަށްޓަކައި 11 މެއި 2015 ވީ ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.<
މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުއާއި އަލްފާޟިލާ އައިޝަތު ފިޟްލީން ކުރެއްވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު 2015 އަށް ޢަމަލުކުރަން ފެށުން

2015-05-10

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ "ގަވާއިދު 2015" އަށް 10 މާރިޗް 2015 ވަނަ ދުވަހު ވަނީ ޢަމަލުކުރަން ފަށާފައެވެ. ގަވާއިދަށް ގެނެވުނު މުހިއްމު އިސްލާޙުތަކުގެ ތެރޭގައި ޤާނޫނަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް މުއްދަތު ކަނޑައަޅާފައިވާ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތައް ހުށަހެޅުމުގެ މުއްދަތަކީ 6 (ހައެއް) މަސް ކަމަށް ކަނޑައެޅުމާއި، މައްސަލަތައް އަވަހަށް ނިންމުމުގެ ބޭނުމުގައި މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް އަވަހަށް ހޯދުމަށާއި މައްސަލަ ބަލަން ފެށުމުގެ ކުރިން ސާފުކުރަންޖެހޭ މަޢްލޫމާތުތައް ހޯދުމުގެގޮތުން އިބްތިދާއީ ބައްދަލުވުން ބޭއްވުމަށް ހަމަޖެއްސުމާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ބެލުމަށް މައްސަލައިގެ ބާވަތަށް ބަލައި 1 (އެކެއް) މެންބަރަކު މައްސަލަ ބަލާގޮތަށް ނިންމުން ހިމެނެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކޮންސިލިއޭޝަން ތައާރަފުކުރުން:

2015-03-08

ވަޒީފާގެ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި މައްސަލަ ހުށަހެޅިފަރާތުންނާއި މައްސަލަ ރައްދުވާފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުމަށް 'ކޮންސިލިއޭޝަން ޕްރޮސެސް' ކުރިޔަށް ގެންދާގޮތަށް ޓްރައިބިއުނަލުން ވަނީ ނިންމާފައެވެ. މިގޮތުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މައްސަލައިގައި ހިމެނޭފަރާތްތަކުން ކޮންސިލިއޭޓްކުރަން ބޭނުންވާނަމަ ޓްރައިބިއުނަލުން ފުރަތަމަ ކުރިޔަށް ގެންދާނީ ކޮންސިލިއޭޝަން މަރުޙަލާއެވެ. ކޮންސިލިއޭޝަން ކުރިޔަށް ގެންދަވާނީ ޓްރައިބިއުނަލްގެ ރައީސް ކަނޑައަޅުއްވާ ޓްރައިބިއުނަލްގެ މެންބަރެކެވެ. އަދި މިމަރުޙަލާގައި މައްސަލަ އަށް ޙައްލެއް ލިބިއްޖެނަމަ ދެފަރާތުން އެއްބަސްވާގޮތެއްގެ މައްޗަށް އަމުރެއް ނެރެދިނުމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެދޭނަމަ ޓްރައިބިއުނަލަށް އެފަދަ އަމުރެއް ނެރެދެވިދާނެއެވެ. ކޮންސިލިއޭޝަން މަރުޙަލާގައި މައްސަލައަށް ޙައްލެއް ނުލިބުނުނަމަ މައްސަލަ ކުރިއަށް ގެންދިއުމަށް މައްސަލަބަލާ ޕެނަލްއަށް މައްސަލަ ފޮނުވޭނެއެވެ.



އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 | އެންމެ ކުރި