×
+ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޟިރުވާމީހުން ޗުއްޓީއަށް އެދެންވާނީ ޓްރައިބިއުނަލުން އެކަމަށް ކަނޑައަޅާފައިވާ ފޯމުންނެވެ. ފޯމު ބެއްލެވުމަށް (ލިންކް)
+ ސަރކިއުލަރ 3 2020 - ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ފޮނުވާ ސިޓީތަަކާއި ލިޔުންތައް އެޑްރެސްކުރުމާބެހޭ (ލިންކް)

#

ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ދާއިރާގެ ކަންތައްތައް ހަރުދަނާކުރުމަށް އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން.

2015-11-24

ވަޒީފާއާބެހޭ ޓްރައިބިއުނަލާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ދާއިރާގެ ކަންތައްތައް ހަރުދަނާކުރުމަށާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ދެފަރާތުން އެއްބާރުލުން ދިނުމަށް 24 ނޮވެމްބަރ 2015 ވަނަ ދުވަހު އެމް.އޯ.ޔޫ އެއްގައި ސޮއިކުރެވުނެވެ. މި އެމް.އޯ.ޔޫ އަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަކީ ވަޒީފާއާބެހޭ ސިޔާސަތު އެކަށައަޅައި، ވަޒީފާއާބެހޭ ކަންކަން ތަންފީޒު ކުރަމުންދާ ސަރުކާރުގެ އިދާރާތަކެއްގެ ބެލެނިވެރި ވުޒާރާގެ ދައުރު އަދާކުރާ މުއައްސަސާ ކަމުގައިވާތީއާއި، ވަޒީފާއާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރެވޭނެ މާހަޢުލާއި، އިންތިޒާމްތައް ހަމަޖެއްސުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސަރުކާރުގެ މުއައްސަސާކަމުގައިވާތީއާއި، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ އެއް އިދާރާއަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ކަމުގައިވާތީ، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަކީ، ވަޒީފާއާބެހޭ ޤާނޫނާއި ގަވާއިދުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ހިންގުމަށް ލިބިދޭ ބާރަކަށް ވާނެތީއާއި އަދި ދެ މުއައްސަސާގެ ހިންގުމަށް ކުރިއެރުން ލިބި، ޢާންމުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ވަޒީފާއާބެހޭ ޤާނޫނު ހިންގުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ސަރުކާރުގެ މުއައްސަސާތަކާއި ދެމެދު އޮންނަ އިތުބާރު ހަރުދަނާކުރުމުގެ މަޤުޞަދުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ އެކެވެ. އެމް.އޯ.ޔޫ ގެ ދަށުން އެއްބަސްވެވުނު ކަންކަމުގެ ތެރޭގައި ދެމުއައްސަސާ ގުޅިގެން ހޭލުންތެރިކުރުމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ތަންފީޒީ ކަންކަން ހަރުދަނާކުރުން ހިމެނެއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފަރާތުން އެމް.އޯ.ޔޫ ގައި ސޮއިކުރެއްވީ ޓްރައިބިއުނަލްގެ ރައީސް އިދްރީސް އިސްމާޢިލް އެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަނީސްއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި ބައްދަލުކުރެއްވުން

2015-09-02

ހިޔުމަން ޓްރެފިކިންގ ގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއާގުޅިގެން ކުރެވިދާނެ މަސައްކަތާބެހޭގޮތުން މަޝްވަރާކުރުމަށާއި އަދި ވަޒީފާއާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތައް ތަންފީޛް ކުރުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއާ ގުޅިގެން ކުރެވިދާނެކަންކަމާބެހޭގޮތުން މަޝްވަރާކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދުއާއެކު 01 ސެޕްޓެމްބަރ 2015 ގައި ބައްދަލުވުމެއް ބޭއްވުނެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ޤާއިމް ކުރެވިފައިވާ މުއައްސަސާތަކުގެ ދައުރާއި، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހުރި ގޮންޖެހުންތަކާއި، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތަކާއި އަދި ދާއިރާއަށް ޢާންމުން ހޭލުންތެރިކުރުމުގެ މުހިންމުކަމާއި، ހިއުމަން ޓްރެފިކިންގއާ ބެހޭގޮތުން ވާހަކަދެކެވިފައިވެއެވެ. މީގެއިތުރުން، ރާއްޖޭގެ ވަޒީފާގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމުގައި ދެމުއައްސަސާގެ ދައުރާއި ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން މަޝްވަރާކުރެވި، ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމަށްޓަކައި ފޯކަލް ޕޮއިންޓެއް ކަނޑައަޅައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގއެއް ހެދުމަށް ނިންމިފައިވެއެވެ. މިބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް، ނައިބު ރައީސް، މެމްބަރުން އަދި ރަޖިސްޓްރާ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މިނިސްޓަރ އާއި ޕަރމަނަންޓް ސެކްރެޓަރީއާއި ސްޓޭޓް މިނިސްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

2014 ވަނައަހަރު ހުށަހެޅުނު ހުރިހާ މައްސަލަތަކެއް ބަލައި ނިމިއްޖެ.

2015-08-31

ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް 2014 ވަނައަހަރު ހުށަހެޅުނު ހުރިހާ މައްސަލައެއްވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ބަލައި ނިމިފައެވެ. 2014 ވަނައަހަރު ހުށަހެޅުނު 171 މައްސަލައިގެ ތެރެއިން 30 މައްސަލަ ޓްރައިބިއުނަލްއިން ބޭރުގައި ޞުލްޙަވެފައިވާއިރު 84 މައްސަލަ ބަލައިނިމި އަމުރު ނެރެވިފައިވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2014 ވަނައަހަރުގައިވެސް ޓްރައިބިއުނަލަށް ޢާންމުކޮށް ހުށަހެޅިފައިވަނީ ވަޒީފާއިން ވަކިކުރުމާއި، އިޞްލާޙީ ފިޔަވަޅު އެޅުމާގުޅިގެން ހުށަހެޅުނު މައްސަލަތަކާއި، އުޖޫރައާގުޅޭ އެކި މައްސަލަތަކާއި، އަދި މީގެއިތުރުންވެސް ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށްޓަކައި ޓްރައިބިއުނަލްއަށް ހުށަހެޅޭ ބައެއް މައްސަލަތައް ޓްރައިބިއުނަލް މެދުވެރިކޮށް ޞުލްޙަވުމުގެ (ކޮންސިލިއޭޝަން މެދުވެރިކޮށް ނިންމުމުގެ) މަސައްކަތްވަނީ ފެށިފައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މަދުކޮށް އަވަހަށް ނިންމުމަށްޓަކައި އަޑުއެހުންތައް ފެށުމުގެ ކުރިން އިބްތިދާއީ ބައްދަލުވުންތައް ދަނީ ބޭއްވެމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2015 ވަނައަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 62 އިން ސައްތަ މައްސަލަވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިމިފައެވެ.
އަތޮޅުތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ފަސޭހައިން ޓްރައިބިއުނަލްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތުގައި ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގައި އީމެއިލް، ފެކްސްގެ ޛަރީޢާއިންވެސް މައްސަލަ ހުށަހެޅޭ ގޮތަށް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދަށް ބަދަލުގެނެވި 2015 މާރިޗްމަހުގެ 10 ވަނަ ދުވަހު ޢަމަލު ކުރަން ފެށިފައެވެ. ކުރިއަށް އޮތްތަނުގައި މާލެ ނައިސް ޓްރައިބިއުނަލްގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާ ދަނީ މަޝްވަރާކުރެވެމުންނެވެ.
31 އޯގަސްޓް 2015

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އާވެބްސައިޓް ލޯންޗްކޮށްފި

2015-06-04

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އާވެބްސައިޓް މިއަދު ޓްރައިބިއުނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްފިއެވެ.ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވެބްސައިޓް މިއަދު ލޯންޗްކޮށްދެއްވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް އިދްރީސް އިސްމާޢީލް އެވެ. ވެބްސައިޓް ލޯންޗްކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި، 2009 ވަނައަހަރުންފެށިގެން ޓްރައިބިއުނަލްގައި ބޭނުންކުރެވެމުންއައި ވެބްސައިޓަށް ބަދަލުތަކެއް ގެނެވި، ޓްރައިބިއުނަލްގެ މަސައްކަތާބެހޭ މަޢްލޫމާތު ޢާންމުންނަށް ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމާއި، އަދި ޓްރައިބިއުނަލްގެ ނިންމުންތައް ފަސޭހައިން ޢާންމުންނަށް ލިބެން ހުރުމަކީ މުހިންމުކަމެއްކަމުން، ވޭތުވެދިޔަ 5 އަހަރުގެ ތަޖުރިބާއަށް ބަލައި ޓްރައިބިއުނަލްގެ ވެބްސައިޓް މިހާރު ފަރުމާކޮށްފައިވަނީ ނިންމުންތަކާއި ސްޓެޓިސްޓިކް ފަސޭހައިން ބެލޭނެ ގޮތަށްކަމަށް ފާހަގަކުރެއްވިއެވެ.ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށްވިދާޅުވީ ޓްރައިބިއުނަލްގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި، 2015 ވަނައަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ޢަމަލުކުރަން ފެށުނު އައު ގަވާއިދުގެ ދަށުން މައްސަލަ ބެލުމުގައި އިބްތިދާއީ މަރުހަލާއާއި ކޮންސިލިއޭޝަންގެ ޕްރޮސެސް ތަޢާރަފްކުރެވިފައިވާ ކަމަށެވެ. އަދި ޓްރައިބިއުނަލްގެ އޮފީސް ޤާއިމްކުރެވިފައިވަނީ ހަމައެކަނި މާލޭގައި ކަމުން، މާލެ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅުއްވާ ފަރާތްތަކުން މައްސަލަ ހުށަހެޅުއްވުމުގައި ދިމާވާދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެގޮތުން އީމެއިލް، ފެކްސް އަދި ޕޯސްޓްގެ ޛަރިއްޔާއިން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެގޮތް އައު ގަވާއިދުގެ ދަށުން ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.މިއަދުގެ ބައްދަލުވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންނާއި، މުވައްޒަފުން ބައިވެރިވިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް އިތުރަށް ހަރުދާނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނަށާއި މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުން:

2015-05-19

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މެމްބަރުންނާއި މުވައްޒަފުންނަށް 19 އޭޕްރީލް 2015 އިން 22 އޭޕްރީލް 2015 އަށް ތަމްރީނު ޕްރޮގްރާމްތަކެއް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އެހީތެރިކަމާއެކު ހިންގާފައިވެއެވެ. މިޕްރޮގްރާމްތައް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ އައި.އެލް.އޯ ގެ ކޮންސަލްޓެންޓް އަދި އޮސްޓްރޭލިޔާގެ ފެއަރ ވޯކްސް ކޮމިޝަންގެ ކޮމިޝަނަރ ޖޫލިއަސް ރޯއީއެވެ. އައި.އެލް.އޯ ޕްރޮޖެކްޓް އޮފީހުން އިންތިޒާމްކޮށްގެން 4 ދުވަހަށް ބޭއްވުނު މިތަމްރީނު ޕްރޮގްރާމްގައި ކޭސް މެނޭޖްމަންޓާއި، އައި.އެލް.އޯގެ ސްޓެންޑަރޑްތަކާއި އަދި ކޮންސިލިއޭޝަންގެ އުސޫލުތަކާ ބެހޭގޮތުން މަޢްލޫމާތު ދެއްވާފައިވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއާގެ ފެއަރވޯރކް ކޮމިޝަނުގައި މަސައްކަތްކުރާގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.



އެންމެ ފަސް| 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 | އެންމެ ކުރި