އާންމުކޮށް އަމާޒުވާ ސުވާލުތައް

1. ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ކޮބާ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހު އުފައްދާފައިވާ މުއައްސަސާއެކެވެ. އެގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލް އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މަޤްޞަދަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ލުއިފަސޭހަކޮށް ބަލައި ނިންމުމެވެ.

2. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލޭނެ މައްސަލަތަކަކީ ކޮބާ؟
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ އުސޫލުތަކާ ޚިލާފުވާކަމަށް ބަޔާންކޮށް ހުށަހެޅޭ މައްސަލަ.
  • އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރިކަމަށް ބަޔާންކޮށް،  ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ވަޒީފާ އަދާކުރި ފަރާތް ހުށަހަޅާ މައްސަލަ.
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ އެއްގޮތަށް އުޖޫރަ ނުދޭކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަ.
  • ވަޒީފާގެ އެއްބަސްވުމާ ޚިލާފުވިކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަ.
  • ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން މިނިސްޓަރަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މިނިސްޓަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން، އެ ނިންމުން އިސްތިއުނާފު ކުރުމަށް،  ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.
  • ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީއަކާ ބެހޭގޮތުން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.
  • ތަމްރީނު ދިނުމަށް ވަޒީފާގައި ގެންގުޅުމާބެހޭ އެއްބަސްވުމަކާ، ނުވަތަ ތަމްރީނާބެހޭ އެއްބަސްވުމަކާ ޚިލާފުވެގެން،  ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.
  • މަސައްކަތްކުރާ މީހުންގެ ރައްކައުތެރިކަމަށް، ނުވަތަ ޞިއްޙަތާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކުގައިވާ މާއްދާތަކަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ޓަކައި، ތަނުގައި ބޭނުންކުރާ މެޝިނަރީއަށް ނުވަތަ މެޝިނަރީ އަތުރައިފައިވާ ގޮތަށް، ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ބަދަލު ގެނައުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން،  ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.
  • މަސައްކަތްކުރާ މީހުންގެ ޞިއްޙަތަށް ނުވަތަ ފުރާނައަށް ޔަގީނުން ވެސް ނުރައްކަލެއް ދިމާވެދާނެކަމަށް ގަބޫލުކުރެވޭ ދަނޑިވަޅުތަކުގައި، ވަކިކަހަލަ ފިޔަވަޅުތަކެއް ވަގުތުން އެޅުމަށް ވަޒީފާއާބެހޭ އޮފިސަރުން ކުރާ އަމުރާމެދު ހިތްހަމަނުޖެހިގެން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.
  • މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް ތަބާނުވުމުން އެޅި ފިޔަވަޅަކީ އެކަށީގެންނުވާ ފިޔަވަޅެއްކަމަށް އެ ފިޔަވަޅު އެޅުނު މުވައްޒަފު ދެކިގެން،  ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ހުށަހަޅާ މައްސަލަ.
  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފުވާކަމަށް ބަޔާންކޮށް ހުށަހެޅޭ ވަޒީފާއާބެހޭ އެހެނިހެން މައްސަލަތައް.
  • ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކޮންމެ މައްސަލައެއް.
3. ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލަތަކަކީ ކޮބާ؟
  • ވަޒީފާގެ ވަގުތީ މުއްދަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ހުށަހަޅާ މައްސަލަތައް.
  • އެ ވަޒީފާއެއް އަދާކުރާ މީހާ، އެ ވަޒީފާގެ ގޮތުން އިސްތިޢުފާ ދޭންޖެހޭ ނުވަތަ މުސްކުޅި ކުރަންޖެހޭ ދުވަސް އައުމުން ވަޒީފާއިން ވަކިކުރުމުން ހުށަހަޅާ މައްސަލަތައް.
  • ވަޒީފާއާބެހޭ ޤާނޫނުން ނުވަތަ އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވިފައިވާ ފަރާތެއް ވަޒީފާއިން ވަކިކުރުމުން ހުށަހަޅާ މައްސަލަތައް.
  • ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވާފަހުން ހުށަހަޅާ މައްސަލަތައް.
4. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނީ، މައްސަލަ ހުށަހެޅުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފޯމުންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މައްސަލައެއް އުފެދުނު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އީމެއިލް  މެދުވެރިކޮށް، ނުވަތަ ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

5. އެއްފަރާތަކަށްވުރެ ގިނަ ފަރާތްތަކަކުން މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ ހަދާނީ ކިހިނެތް؟

އެއް ހާދިސާއަކާ ގުޅިގެން ނުވަތަ އެއް ވާޤިޢާތުތަކެއްގެ މައްޗަށް ބިނާކޮށް، އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެ ފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހަޅާ ފަރާތްތަކުން އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، އެފަދަ މައްސަލަތައް، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ. މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

6. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަތައް ބެލުމުގައި ބޭނުންކުރަނީ ކޮން ބަހެއް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އަދި ލިޔެކިޔުންތަކާއި ރިކޯޑުތައް ބަލަހައްޓާނީ ދިވެހިބަހުންނެވެ.

7. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޚަސްމެއްގެ ގޮތުގައި ނުވަތަ ހެއްކެއްގެ ގޮތުގައި ހިމެނޭ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭ މީހެއްކަމުގައި ނުވާނަމަ ނުވަތަ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ ފަރާތެއްނަމަ ޢަމަލުކުރާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޚަސްމެއްގެ ގޮތުގައި ނުވަތަ ހެއްކެއްގެ ގޮތުގައި ހިމެނޭ ފަރާތަކީ އެކަށީގެންވާ ފެންވަރަށް ދިވެހި ބަހުން ވާހަކަ ދެއްކޭ މީހެއްކަމުގައި ނުވާނަމަ ނުވަތަ އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމްވެފައިވާ ފަރާތެއްނަމައަޑުއެހުމުގައި ދެކެވޭ ވާހަކަތައް އެ ފަރާތަށް ކިޔައިދީ، އެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކައިދިނުމަށް، ޓްރައިބިއުނަލުގެ އެންގުމުގެ މަތިން ތަރުޖަމާނަކު ހަމަޖައްސަންވާނެއެވެ. މިގޮތުން ތަރުޖަމާކުރުމަށް ހަމަޖައްސާ ފަރާތަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤަބޫލުކުރާ ފަރާތަކަށް ވާންވާނެއެވެ.

8. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައަކީ ނުބެލޭނެ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރ ކަނޑައަޅައިފި ޙާލަތެއްގައި ރަޖިސްޓްރާރގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ޢަމަލުކުރާނެ ގޮތަކީ ކޮބާ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުން ލިބިދޭ ބާރުގެ ދަށުން ރަޖިސްޓްރާރ ނިންމާ އެއްވެސް ނިންމުމަކާއިމެދު  ހިތްހަމަނުޖެހޭނަމަ، އަލުން އެ ކަމެއް ނުވަތަ އެ ނިންމުމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމި ދުވަހުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި 7 )ހަތެއް) ދުވަހުގެ ތެރޭގައި، އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅުމުގެ ހައްޤު އެ މައްސަލައެއްގެ މަޞްލަޙަތު އޮތް ފަރާތަށް ލިބިގެންވެއެވެ.

9. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި ވަގުތީ އަމުރަކަށް އެދެން ބޭނުންވާނަމަ އަމަލުކުރާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅާއިރު ނުވަތަ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ހިނގަމުންދަނިކޮށް ވަގުތީ އަމުރަކަށް އެދޭނަމަ އެދެންވާނީ، ޓްރައިބިއުނަލުގައި އެކަމަށް ޚާއްޞަކޮށްފައިވާ ‘ވަގުތީ އަމުރަށް އެދޭ ފޯމު’ އިންނެވެ. މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

10. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި އިޖުރާއީ ނުކުތާއެއް ނަގަން ބޭނުންވާނަމަ އަމަލުކުރާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކަށް ޖަވާބުދާރީވުމުގެ ކުރިން، ނުވަތަ މައްސަލައެއް ހުށަހަޅައިގެން އެ މައްސަލަ ހިނގަމުންދަނިކޮށް އިޖުރާއީ ނުކުތާއެއް ހުށަހަޅަން އެދޭނަމަ ހުށަހަޅަންވާނީ، މައްސަލަ ބަލާ މަޖިލީހުގައި ޝަފަހީގޮތުން ނުވަތަ ޓްރައިބިއުނަލުގައި އެކަމަށް ޚާއްޞަކޮށްފައިވާ ‘އިޖުރާއީ ނުކުތާ ހުށަހަޅާ ފޯމު’ އިންނެވެ. މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ޝަފަހީގޮތުން ހުށަހަޅާ އިޖުރާއީ ނުކުތާ ލިޔުމުން ހުށަހަޅަން އެންގުމުގެ އިޚްތިޔާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

11. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކަކީ ކޮބާ؟
  • ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންވާނީ އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުންނެވެ.
  • މައްސަލައިގައި ކަންހިނގާފައިވާގޮތާއި އެދޭގޮތް ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ.
  • ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ކަނޑައެޅިފައިވާ މައްސަލަތައް އެ މުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. އަދި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ލިސްޓުކޮށް، އެ ލިސްޓާ އެއްގޮތަށް އެގްޒިބިޓް ނަންބަރު ޖަހާފައެވެ.
  • މައްސަލަ ހުށަހަޅާ ފޯމުގެ އަސްލާއި، އެ ފޯމުގެ 2 (ދޭއް) ކޮޕީއާއި، ސާބިތުކުރުމަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތަކުގެ 3 (ތިނެއް) ކޮޕީ ހުށަހަޅަން ވާނެއެވެ. ހުށަހަޅާ ލިޔެކިޔުންތަކަކީ ކިޔަން އެނގޭ ސާފު ކޮޕީތަކަކަށް ވާންވާނެއެވެ.
12. މާލެ ނޫން އެހެން ރަށެއްގައި ވަޒީފާއާގުޅޭ މައްސަލައެއް އުފެދިއްޖެނަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ހަދާނީ ކިހިނެތް؟

އެފަރާތަކުން ފުރިހަމަކޮށްފައިވާ މައްސަލަ ހުށަހަޅާ ފޯމާއެކު ލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އީމެއިލް އެޑްރެސް info@employmenttribunal.gov.mv އަށް މެއިލް ކުރެވިދާނެއެވެ. ނުވަތަ އެ މައްސަލައެއް އުފެދުނު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އީމެއިލް  މެދުވެރިކޮށް، ނުވަތަ ރަޖިސްޓަރޑް ޕޯސްޓް މެދުވެރިކޮށް ހުށަހެޅިދާނެއެވެ.

13. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ މުއްދަތަކީ ކޮބާ؟
  • ޤާނޫނަކުން ނުވަތަ ގަވާއިދަކުން،ވަކި ބާވަތެއްގެ މައްސަލައެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައިފައިވާނަމަ، އެފަދަ މައްސަލަތަކުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތުކަމުގައި ބަލަންވާނީ، އެ ޤާނޫނެއްގައި ނުވަތަ  އެ ގަވާއިދެއްގައި ކަނޑައަޅައިފައިވާ މުއްދަތަށެވެ.

މިސާލު: ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތައް ވަޒީފާއިން ވަކިކުރެވޭ ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

  • އުޖޫރައާގުޅޭ މައްސަލަތައް ފިޔަވައި، ޤާނޫނަކުން ނުވަތަ ގަވާއިދަކުން މައްސަލަ ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާ ވަޒީފާއާ ގުޅޭ މައްސަލައެއް ނުވަތަ ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.
  • އުޖޫރައާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ.
14. މައްސަލައެއް ހުށަހަޅަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު އެ މައްސަލައެއް ބަލައިގަނެވިދާނެތަ؟

ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި މައްސަލަ ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވާ މައްސަލަތައް އެ މުއްދަތުގައި ހުށަނޭޅުނު ސަބަބަށް ރިޢާޔަތްކޮށް މައްސަލަ ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ މައްސަލަތަކުގައި މައްސަލަ ހުށަނޭޅުނު ސަބަބަކީ މަޤްބޫލު ސަބަބެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަނަމަ، އެ ސަބަބަށް ރިޢާޔަތްކޮށް އެ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

15. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓަރީ ކުރެވޭނީ ކިހާ މުއްދަތެއްގެ ތެރޭގައި؟

ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާމެދު ނިންމާ ގޮތް، މައްސަލަ ހުށަހެޅި ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 14 (ސާދަ) ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

16. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމަށް އެކަށީގެންވާ ހެދުމަކީ ކޮބާ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވާ ފަރާތްތައް މައްސަލައިގެ މަޖިލީހަށް ވައްދާނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޙުރުމަތާ އެކަށީގެންވާ ހެދުމެއްގައި ހުރިނަމައެވެ. މިގޮތުން އަންނަނިވި ބާވަތްތަކުގެ ހެދުމާއި ގަހަނާ އަޅައިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމަކީ މަނާކަމެކެވެ.

ހ) ނިވާކަން ކުޑަ ހެދުން

(ށ) ގައި ފެންނަވަރުގެ ތުނި ހެދުން

(ނ) އެކަށީގެންނުވާ ފަދަ އިބާރާތް ލިޔެފައި ހުންނަ ހެދުމާއި، އިސްލާމްދީނާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޝިޢާރުތައް ރަމްޒުކޮށްދޭ ފަދަ ހެދުމާއި، ސިޔާސީ ލިޔުމެއް ނުވަތަ ކުރެހުމެއް ހުންނަ ހެދުމާއި، އެފަދަ ގަހަނާތައް؛

(ރ) ޓްރައިބިއުނަލަށް ޙާޟިރުވުމަށް އެކަށީގެންނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާ ކޮންމެ ހެދުމެއް.

17. ކޮންސިލިއޭޝަން ބައްދަލުވުމަކީ ކޮބާ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން، ޞުލްޙަވެރިކަމާއެކު ދެފަރާތާ ވާހަކަދައްކައިގެން ޙައްލުކުރެވިދާނެކަމަށް ފެންނަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބޭއްވޭ ބައްދަލުވުންތައް.

18. އިބްތިދާއީ ބައްދަލުވުމަކީ ކޮބާ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ އަޑުއެހުންތައް ބޭއްވުމުގެ ކުރިން މައްސަލައާ ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ޤާނޫނީގޮތުންނާއި އިދާރީގޮތުން ނިންމަންޖެހޭ ކަންތައްތައް ކުރުމަށް ބޭއްވޭ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް. މި ބައްދަލުވުމަކީ އަންނަނިވި ކަންތައްތައް ހާސިލުކުރުމަށް ބޭއްވޭ ބައްދަލުވުމެކެވެ.

  • މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތުން މައްސަލައާ ގުޅިގެން ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ދެފަރާތާ ހިއްސާކުރުން.
  • މައްސަލަ ބެލުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހަމަކޮށް، މައްސަލައާ ގުޅުމެއްނެތް ލިޔުންތައް ބަލައިނުގަތުމަށް ނިންމުން. މިގޮތުން ބަލައިނުގަތުމަށް ނިންމޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ދިނުން.
  • ހެކިބަސްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ހެކިބަހުން ސާބިތު ކުރަން ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު ހޯދުން.
  • މައްސަލައިގައި ހެކީންގެ ގޮތުގައި ހުށަހަޅައިފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމުގައި އިސްކަންދޭނެ ތަރުތީބު ލިސްޓުކުރުން.
  • ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ބޭރުން ޙައްލުކުރެވިދާނެ ފަދަ މައްސަލައެއްނަމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތުދީ، އެ ފަރާތްތަކުން އެއްބަސްވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބޭރުގައި މައްސަލައަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށް ފުރުޞަތު ދިނުން.
  • މައްސަލައިގެ އަޑުއެހުން ބާއްވާނެ ދުވަސްތައް ކަނޑައަޅައި ތާވަލުކުރުން.
  • އިބްތިދާއީ ބައްދަލުވުމުގައި ހުށަނާޅާ ލިޔެކިޔުންތަކާއި ހެކިތައް، މައްސަލަ ބަލާ މަރުޙަލާގައި ބަލައިނުގަނެވޭނެކަން އެންގުން.
  • މިނޫންވެސް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޢަދުލު އިންސާފު ޤާއިމްކޮށްދިނުމަށް ފަސޭހަވާނެ އެހެނިހެން ކަންތައްތައް ހަމަޖެއްސުން.
19. މައްސަލަ ރަޖިސްޓަރީ ވުމުގެ ކުރިން އަނބުރާ ގެންދަން ބޭނުންވާނަމަ ހަދާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓަރީވުމުގެ ކުރިން، އެ މައްސަލަ ހުށަހެޅި ފަރާތުން އަނބުރާ ގެންދަން ބޭނުންނަމަ، އެކަން ޓްރައިބިއުނަލަށް ލިޔުމުން ހުށަހެޅުމަށްފަހު، ރަޖިސްޓްރާރ ނިންމާ ގޮތެއްގެ މަތީން އެ މައްސަލައެއް އަނބުރާ ގެންދިއުމުގެ އިޚްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

20. މައްސަލަ ރަޖިސްޓަރީ ވުމަށްފަހު އަނބުރާ ގެންދަން ބޭނުންވާނަމަ ހަދާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައެއް ރަޖިސްޓަރީވުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ އަނބުރާ ގެންދަން ބޭނުންނަމަ، އެ މައްސަލަ ބަލާ މަޖިލީހަށް އެކަން ހުށަހެޅުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތީން، އަނބުރާ ގެންދިއުމުގެ އިޚްތިޔާރު، މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެއެވެ.

21. އަނބުރާ ގެންދާ މައްސަލައެއް އަލުން ހުށަހަޅަން ބޭނުންވާނަމަ ހަދާނީ ކިހިނެތް؟

އަނބުރާ ގެންދާ މައްސަލައެއް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރިޔަށް ނުގެންދާނެކަން އެ މީހަކަށް އެންގި ތާރީޚުން ފެށިގެން، ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިދާރީ ފީގެ ގޮތުގައި -/500 (ފަސްސަތޭކަ) ރުފިޔާ ދެއްކުމަށްފަހު، އަލުން ހުށަހެޅިދާނެއެވެ. ނަމަވެސް މިފަދައިން އިދާރީ ފީ ދެއްކުމަށްފަހު އަލުން ހުށަހަޅާ މައްސަލައެއް އަނބުރާ ގެންދިޔުމަށްފަހު އަލުން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

22. ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި ބަދަލުގައި ހާޟިރުވާނެ ފަރާތެއް ނުވަތަ ވަކީލެއް ޢައްޔަނުކުރަން ބޭނުންވާނަމަ ޢަމަލުކުރާނީ ކިހިނެތް؟

ވަކީލަކު ނުވަތަ ބަދަލުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާނެ ފަރާތެއް ހަމަޖެއްސުމަށް އެދި ހުށަހަޅާނީ، އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުންނެވެ. މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާންޖެހޭ ފަރާތުގެ ބަދަލުގައި ނުވަތަ ވަކީލެއްގެ ގޮތުގައި ހާޒިރުވާނެ ފަރާތެއް، ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް އައްޔަނު ކުރެވިދާނެއެވެ. މިފަދަ ޕަވަރ އޮފް އެޓަރނީތަކުގައި، އެ މީހަކު އައްޔަނުކުރާ ބޭނުމާއި، އެ މީހަކާ ހަވާލުކޮށްފައިވާ މަސައްކަތް ސާފުކޮށް ކަނޑައެޅި ބަޔާންކޮށްފައި އޮންނަންވާނެއެވެ. ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ބަދަލު ހަމަޖައްސާ ހާލަތުގައިވެސް “ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް ވަކީލު ނުވަތަ ބަދަލު ހަމަޖައްސާ ފަރާތުގެ މަޢުލޫމާތު ފޯމު” ހުށަހަޅަންވާނެއެވެ.

23. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމަށް ޙާޟިރުވުމުގެ އަމުރުގައި ނުހިފައިފިނަމަ ނުވަތަ އަމުރު ލިބި މަޤުބޫލު އުޒުރެއްނެތި ޙާޟިރު ނުވެއްޖެނަމަ އެފަރާތަކާމެދު އަމަލުކުރެވޭނީ ކިހިނެތް؟

މައްސަލަ ރައްދުވާ ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމަށް މައްސަލަ ރައްދުވާ ފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެނަމަ، ނުވަތަ އެ އަމުރު ލިބި، މަޤުބޫލު އުޒުރެއްނެތި ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ޙާޟިރުނުވެއްޖެނަމަ، މައްސަލަ ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި، ހުށަހެޅިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

މައްސަލަ ހުށަހެޅި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމަށް މައްސަލަ ހުށަހަޅާ ފަރާތަށް އަމުރު ފޮނުވުމުން، އެ އަމުރާ ހަވާލުނުވެއްޖެނަމަ، ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ އެޑްރެހުގައި ނޫޅޭނަމަ، ނުވަތަ އެކަށީގެންވާ މަސައްކަތް ކޮށްގެންވެސް މައްސަލަ ހުށަހަޅާ ފަރާތަށް ޙާޟިރުވުމުގެ އަމުރު ރައްދުނުކުރެވޭނަމަ، ނުވަތަ ޙާޟިރުވުމުގެ އަމުރު ލިބި، މަޤުބޫލު އުޒުރެއް ނެތި، ޖުމުލަ 2 (ދޭއް) އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ، އެ މައްސަލައެއް އިދާރީގޮތުން ބާޠިލު ކުރުމުގެ އިޚްތިޔާރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވެއެވެ.

24. މައްސަލަ ހުށަހެޅި ފަރާތް އަޑުއެހުމަށް ޙާޟިރުނުވުމުން ބާޠިލުކުރެވޭ މައްސަލައެއް އަލުން ހުށަހެޅިދާނެތަ؟

ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅައިފައި ނުވާނަމަ، މައްސަލަ ބާޠިލު ކުރިކަން މައްސަލަ ހުށަހެޅި ފަރާތަށް އެންގި ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ނުވަތަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން އިދާރީ ފީގެ ގޮތުގައި -/500 (ފަސްސަތޭކަ) ރުފިޔާ ދައްކައިފައި އަލުން ހުށަހެޅިދާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ، އެ މައްސަލައެއް ދެވަނަ ފަހަރަށް ޓްރައިބިއުނަލަކުން ނުބެލޭނެއެވެ.

25. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގެ ލިޔުންތައް އަލުން ބޭނުންވާނަމަ އެ ލިޔުންތައް ދޫކުރުމުގައި އަމަލުކުރެވޭނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގައި، މައްސަލައިގައި ހިމެނޭ ފަރާތަކުން މައްސަލައިގެ ލިޔުންތައް އަލުން ހޯދުމަށް ބޭނުންވާނަމަ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި މިގޮތަށް ހުށަހެޅުމުން، އެ ލިޔުމެއްގެ ކޮޕީ ހަދައިފައިވާ ކޮންމެ ގަނޑަކަށް -/2 (ދޭއް) ރުފިޔާގެ މަގުން ފައިސާ ނެގުމަށްފަހު ދޫކުރެވޭނެއެވެ.

26. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުންތަކަށް އާންމުންނަށް ވަދެވޭނެތަ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބާއްވާ އަޑުއެހުންތައް އަޑުއެހުމަށް ވަންނަން އެދޭ ފަރާތްތަކުން، އެ އަޑުއެހުމެއް ފެށުމުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ފަރާތެއްގެ ނަން ނޯޓުކުރުމަށްފަހު އަޑުއެހުންތަކަށް ވަނުމުގެ ފުރުޞަތު ދެވިދާނެއެވެ.

27. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓަރީ ހުޅުވިފައި ހުންނާނީ ކޮން ގަޑިއެއްގައިތަ؟ އަދި ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލަތައް ނުވަތަ ތަކެތި ބަލައިގަންނާނީ ކޮން ގަޑިއެއްގައިތަ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލް ހުޅުވިފައި ހުންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ސަރުކާރުގެ ރަސްމީ ގަޑީ (ހެނދުނު 08:00 އިން ފެށިގެން މެންދުރު 14:00) ގައެވެ. ޓްރައިބިއުނަލް ހުޅުވިފައި ހުންނަ ސަރުކާރުގެ ރަސްމީ ގަޑިތަކުގައި މައްސަލަ ހުށަހަޅާ ފޯމުތައް ބަލައިގަންނާނެއެވެ. ޓްރައިބިއުނަލުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެހެނިހެން ލިޔެކިޔުންތަކާއި ތަކެތި ބަލައިގަންނާނީ ހެނދުނު 08:15 އިން ފެށިގެން މެންދުރު 13:30 ގެ ނިޔަލަށެވެ. މި ނޫން ގަޑިތަކުގައިވެސް އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ހުށަހެޅިދާނެއެވެ.

28. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލައިގަތުމުގައި އެއްވެސް ފީއެއް ނަގާނެތަ؟

ފުރަތަމަ ފަހަރަށް މައްސަލަ ހުށަހަޅާއިރު އެއްވެސް ފީއެއް ނުނެގޭނެއެވެ. ނަމަވެސް އެ މައްސަލައެއް ހުށަހަޅައި، އެ މައްސަލަ އަނބުރާ ގެންދިޔުމަށްފަހު އަލުން ހުށަހަޅާނަމަ ނުވަތަ މައްސަލަ ހުށަހެޅި ފަރާތް އަޑުއެހުމަށް ޙާޟިރުނުވެގެން ބާޠިލްކޮށްފައިވާ މައްސަލައެއް އަލުން ހުށަހަޅާނަމަ އެ މައްސަލަ ބަލައިގަނެވޭނީ -/500ރ. (ފަސްސަތޭކަ) ގެ ފީއެއް ދެއްކުމުންނެވެ.

29. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އަޑުއެހުމަށް ޙާޟިރުވުމަށް އަމުރު ފޮނުވިފައިވާ ފަރާތެއް އަޑުއެހުމަށް ޙާޟިރުވުމަށް އުޒުރުވެރިވާފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވަނިކޮށް، މަޤުބޫލު އުޒުރެއް ދިމާވުމުގެ ސަބަބުން، އަމުރުގައި ޙާޟިރުވުމަށް އަންގައިފައިވާ ތަނަށް ހާޒިރުވެވެން ނެތްނަމަ، ސަބަބު ބަޔާންކޮށް، އަމުރުގައިވާ ގަޑީގެ 1 (އެކެއް) ގަޑިއިރުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެކަން އަންގަންވާނެއެވެ. ޙާޟިރުވެވެން ނެތްކަން ލިޔުމުން ނޫންގޮތަކަށް (މިސާލު: ފޯނުން ގުޅައިގެން) އަންގާނަމަ، ޙާޟިރު ނުވެވުނު ސަބަބު ބަޔާންކޮށް، ގިނަވެގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެއެވެ.

30. ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ފަރާތަކުން މައްސަލައިގެ އަޑުއެހުންތައް ވަގުތީގޮތުން މަޑުޖައްސާލަން އެދޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ޚަޞްމަކު ނުވަތަ އެ ފަރާތުގެ ވަކީލު ނުވަތަ ބަދަލުގައި ހަމަޖައްސައިފައިވާ ފަރާތް ނުވަތަ ހިނގަމުންދާ މައްސަލައެއްގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުވުމަށް އަމުރު ރައްދުކުރެވިފައިވާ އެހެން ފަރާތަކުންވެސް އަޑުއެހުންތަކުގައި ބައިވެރިނުވެވޭ ނުވަތަ ލިޔެކިޔުންތައް ހުށަނޭޅޭފަދަ ޙާލަތެއް (މިސާލު: ރަށުން ބޭރަށް ދާންޖެހުން) މެދުވެރިވެއްޖެނަމަ “މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހާޒިރުވާ މީހުން ޗުއްޓީއަށް އެދޭ ފޯމު” އިން މައްސަލައިގެ އަޑުއެހުންތައް މަޑުޖައްސާދިނުމަށް އެދެވިދާނެއެވެ.

އިސްވެ ބަޔާންކުރެވުނު ފޯމުގައި އެ ފަރާތް ޗުއްޓީއަށް އެދޭ ސަބަބާއި، ޗުއްޓީ ބޭނުންވާ މުއްދަތާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެ ފަރާތް ތަމްސީލުކޮށް، ކުރިޔަށްދާ މައްސަލަތަކުގެ ތަފުޞީލު ހިމެނުމަށްފަހު، ޗުއްޓީއަށް ދިޔުމަށް ނުވަތަ ފުރަން ބޭނުންވާ ދުވަހުގެ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 3 (ތިނެއް) ދުވަހުގެ ކުރިން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަންވާނެއެވެ.

31. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުރުމަތް ކެނޑުމަކީ / މަޖިލީހުގެ ނިޒާމާ ޚިލާފު ޢަމަލުތަކަކީ ކޮބާ؟
  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދާ މައްސަލައަކަށް ހުރަސްއެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތްކުރުން.
  2. ހިނގަމުންދާ މައްސަލައެއްގައި މައްސަލަ ބަލާ މަޖިލީހަށް އިންސާފުވެރިކޮށް މައްސަލަ ނިންމުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ޢަމަލެއް ކުރުން.
  3. މައްސަލައަކާ ގުޅިގެން، މައްސަލައިގެ މަޖިލީހަށް ހާޒިރުވެ، މައްސަލައިގައި ދޭންޖެހޭ މަޢުލޫމާތު ދިނުމަށް އިންކާރުކުރުން.
  4. މައްސަލައިގެ މަޖިލީހަށް ހާޒިރުވެ، މައްސަލައެއްގައި ދޭންޖެހޭ ހެކިބަހެއް ދިނުމަށް ނުވަތަ ހެއްކެއްގެ ހައިސިއްޔަތުން ނުވަތަ ހެކިބަސް ދޭންޖެހޭ ފަދަ މަޤާމެއްގައި ހުރެ މައްސަލައަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް އިންކާރުކުރުން.
  5. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ހުއްދައާ ނުލައި، އަޑު ނުވަތަ މަންޒަރު ރިކޯޑުކުރެވޭ، ނުވަތަ ފޮޓޯނެގޭ އެއްވެސް ވަސީލަތެއް، މައްސަލައިގެ މަޖިލީހަށް ވައްދައި، އަޑު ނުވަތަ މަންޒަރު ރިކޯޑު ކުރުން.
  6. މައްސަލައެއްގެ މަޖިލީހުގައި، އެ މައްސަލައިގައި ހިމެނޭ އެއް ފަރާތުން، މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ގޮތުން ކަމެއް ކުރުން.
  7. މައްސަލައާ ގުޅިގެން، މައްސަލައިގެ މަޖިލީހަށް ހާޒިރުވާ ޚަޞްމުންނާއި ވަކީލުން، މައްސަލައިގެ މަޖިލިސް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ މަޖިލީހުގެ އިޒުނަ ނެތި، މައްސަލައިގެ މަޖިލީހުން ނުކުތުން ނުވަތަ މައްސަލައިގެ މަޖިލީހުގައި އެންގޭ އެންގުމަކަށް ނުކިޔަމަންތެރިވުން.
  8. މައްސަލައިގެ މަޖިލީހަށް ވަންނަ ފަރާތްތަކުން، މައްސަލަ ބަލާ މަޖިލީހުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވުން.
  9. މީގެ އިތުރުން ވެސް، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ޚިލާފުވާފަދަ ޢަމަލެއް ކުރުން.
32. މައްސަލައިގެ މަޖިލީހުގެ ނިޒާމާ ޚިލާފުވެއްޖެނަމަ އެފަރާތަކާމެދު އެޅޭނެ ފިޔަވަޅަކީ ކޮބާ؟

މައްސަލައިގެ މަޖިލީހުގެ ނިޒާމާ ޚިލާފުވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 5,000/- (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި އެފަދަ ޢަމަލެއް ކޮށްފައިވަނީ ޤާނޫނީ ވަކީލަކު ނަމަ، މައްސަލައިގެ މަޖިލީހުގެ ނިޒާމާ ޚިލާފަށް އެ ވަކީލަކު ކުރި ޢަމަލާއި، ޖޫރިމަނާއެއް ކުރެވުނުނަމަ، އެކަމުގެ މަޢުލޫމާތު، ދިވެހިރާއްޖޭގެ ބާ ކައުންސިލަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގާނެއެވެ.

33. މައްސަލައިގެ ނިންމުން ލިބޭނީ ކޮން އިރަކު؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ކޮންމެ މައްސަލައެއްގައި ވެސް، މައްސަލައިގެ ނިންމުން އިއްވާ ދުވަހު، އެ މައްސަލައެއްގެ ޚުލާޞާ ރިޕޯޓު ތައްޔާރުކޮށް، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ހަވާލުކުރެވޭނެއެވެ.

34. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހައިކޯޓަށް ހުށަހެޅޭނީ ކިހާ މުއްދަތެއްގެ ތެރޭގައި؟

ރަސްމީ ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި.

35. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް އެދެން ބޭނުންވެއްޖެނަމަ ހަދާނީ ކިހިނެތް؟ އަދި މިކަމަށް  ފީއެއް ނެގޭނެތަ؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ މައްސަލައެއް ނިމޭ ގޮތުގެ ރިޕޯޓު، އެ މައްސަލައިގައި ހިމެނޭ ފަރާތަކުން އެދިއްޖެ ހިނދެއްގައި ރިޕޯޓު ދޫކުރެވޭނެއެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް އެދެންވާނީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް އެދޭ ފޯމުންނެވެ. މި ފޯމު ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ދޫކުރެވޭނީ، އެ ރިޕޯޓުގައި ހިމެނޭ ކޮންމެ ޞަފުޙާއަކަށް 1/- (އެކެއް) ރުފިޔާގެ މަގުން ފައިސާ ދެއްކުމުންނެވެ.

36. ޓްރައިބިއުނަލަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ކިހިނެތް؟

ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަނޑޭރި ޕޭ މެދުވެރިކޮށެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

37. މަތީ މަރުހަލާގެ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނީ ކިހާ ދުވަހެއްގެ ތެރޭގައި؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލައެއް މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރެވި، އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް މަތީ މަރުޙަލާގެ ކޯޓަކުން ކަނޑައަޅައިފިނަމަ، މައްސަލަ ނިންމިއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލައެއް އަލުން ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅައިފައި ނުވާނަމަ، އެ ކޯޓުން އެ ގޮތަށް ކަނޑައެޅި ތާރީޚުން ފެށިގެން، ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި 30 (ތިރީސް) ދުވަހުގެ ތެރޭގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.

38. ވަޒީފައާބެހޭ ޓްރައިބިއުނަލުގެ ނިންމުން ތަންފީޒުކުރުމުގައި އަމަލުކުރާނީ ކިހިނެތް؟

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލައެއް ނިންމުމަށްފަހު، ޓްރައިބިއުނަލުން ދީފައިވާ މުއްދަތުގައި އެ ނިންމުން ރައްދުވާ ފަރާތުން އެ ނިންމުމާ އެއްގޮތަށް ޢަމަލުކޮށްފައިވާކަމަށް އަންގައިފައި ނުވާނަމަ، އެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވޭތޯ ޓްރައިބިއުނަލުގެ އަމިއްލަ އިސްނެގުމުގައި ކަށަވަރު ކުރާނެއެވެ.

އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމާ އެއްގޮތަށް އެ ނިންމުން ރައްދުވާ ފަރާތުން ޢަމަލުކޮށްފައި ނުވާކަމަށް ޓްރައިބިއުނަލަށް އަންގައިފިނަމަ، ނުވަތަ ޓްރައިބިއުނަލުގެ ނިންމުމާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ނުވަތަ  ނުވާކަން ޓްރައިބިއުނަލަށް އެންގުމަށް މައްސަލަ ރައްދުވި ފަރާތަށް ފޮނުވާ ލިޔުމަށް، ޓްރައިބިއުނަލުން ދީފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދީފައި ނުވާނަމަ، އެ ނިންމުން ތަންފީޛުކުރުމަށްޓަކައި، އެ ނިންމުން ތަންފީޛު ކުރުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން، އެ ނިންމުމެއް ފޮނުވަންވާނެއެވެ.